ވާނުވާގެ ދެ ގައިދީއަކަށް ލުއި ދީފި

ވާނުވާ ބަންދުގައި ތިބި ދެ ގައިދީއަކަށް ލުއި ދީފިއެވެ.

 

މިކަން ހާމަކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އިތުރު ފަސް މީހެއްގެ ބަންދަން ލުއިދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެކަމަށެވެ.

 

މީގެއިތުރުން ބަންދަށް ލުއިދެވޭނެ މީހުން ކަނޑައަޅަމުންދަނީ އެ މީހުން މޮނިޓަރކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޔާއަތްކުރުމަށްފަހު ކަމަށެވެ. އަދި އެ އެސެސްމަންޓުތައް ލިބޭ މިންވަރަކުން ބަންދަށް ލުއި ދެވެމުންދާނެކަމަށް ވިދާޅުވިއެވެ.

 

ލުއި ދެވޭނީ ތުހުމަތުކުރެވޭ މީހާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ބާވަތްތަކުގެ ކުށްތަކުގައި ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންނަށް ކަމަށާއި އެނޫން މީހަކަށް ލުއި ނުދެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

 

އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ނުދެވޭނެކަމަށް ޕީޖީން ވނީ ވިދާޅުވެފައެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ޝަރީއތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ މަސައްކަތް ފެށީ މި މަހުގެ 28 ވީ ބުދަ ދުވަހުއެވެ.

 


  • ޕީޖީ އޮފީސް
  • ހޯމް މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް