ރާއްޖޭގެ 18 ރަށެއްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރްޑީސީ އާއެވެ.
މި ރަސްމިއްޔާތުގައި 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްގީކުރުމަށް ފެނަކަ އާ ހަވާކުރިއިރު، އެމްޓީސީސީއާ 5 ހެލްތު ފެސިލިޓީ އަދި އާރްޑީސީއާ 4 ފެސިލިޓީއެއް ތަރައްގީކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 2 ހޮސްޕިޓަލާއި 4 ސިއްހީ މަރުކަޒު އަދި 12 ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ހާއްސަކޮށް އަތޮޅުތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ދޭ ތަންތަން ބާވެ މަރާމާތަށް ނުވަތަ ޖާގައިތުރުކުރުމަށް ބޭނުންވެފައި އޮތް އޮތުންކަމަށެވެ.
މީގެއިތުރުން ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.