މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއަރޕާރސަންގެ މަގާމަށާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އެމްއޭސީއެލްގެ ޗެއަރޕާރސަންގެ މަގާމަށް އައްޔަންކުރެއްވީ އެމްއެމްޕީއާރްސީގެ ކުރީގެ ޗެއަރޕާރސަން އައިޝާ ނޫރްއައިން ޖަނާހު އެވެ. އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް އައްޔަންކުރެއްވީ މ. ލާލުބާގް، އަހުމަދު ޝަހީރު އެވެ.
އެ ދެ ބޭފުޅުން ވެސް މިމަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.
ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ ނިއުޒިލެންޑްގައި އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކުރައްވާފައެވެ.
އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޓްރޭޑް އަދި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާއެރުވުމަށް ޕްރިންސިޕަލް އެޑްވައިޒަރ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް ގެ މަގާމަށް އައްޔަންކުރައްވައިފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، އަހުމަދު ޝަހީރު އައްޔަން ކޮށްފިއެވެ.
ފެނަކައިގެ ޗެއަރމަންކަން ވެސް ކުރައްވާފައިވާ ޝަހީރު ވަނީ 29 އަހަރު އެސްޓީއޯގައި މަސައްކަތް ކުރައްވާފައެވެ. އަދި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް 2015 އިން 2018 އަށް ވަނީ އަދާކުރައްވާފައެވެ.