ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ހާއްސަ އެވޯޑެއް ދެއްވައިފިއެވެ.
މި އެވޯޑް އެމަނިކުފާނަށް އަރުވާފައިވަނީ ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ޑަބްލިއުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސް ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރުވިސްނުންފުޅަށް ތައުރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.
އެޖަމްއިއްޔާ އިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި ރައީސްގެ އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި، ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސް ތަސްދީގުކުރައްވާފައި ވުމުން، ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.
އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުންވެސް އެޖަމްއިއްޔާއިން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ހިމެނެއެވެ.
މީގެއިތުރުންވެސް ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.
ޑަބްލިއުއެޗްއޯ އިން ފާހަކުރައްވާ ގޮތުގައި، މި މަސައްކަތްތަކަކީ ހަމައެކަނި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ. މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ގައުމުތަކަށްވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ.
މިރޮނގުން ރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމްއިއްޔާއިން ސިފަކޮށްފައިވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.