3 ބައްޔެއް ފެތުރުން ފުރަތަމަ ހުއްޓުވި ގައުމަކަށް ރާއްޖެވުމާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ފާހަގަކުރައްވާ ތާރީހީ ކާމިޔާބީ އަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރާއްޖެއިން ވަނީ މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށްވެ، ތާރީހުން ޖާގަހޯދާފައެވެ.
މިކަމާއިގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި ބައިވެރިންނަށް ޝުކުރު އަދާކުރައްވާ ވަނީ ދިވެހިރާއްޖެއަކީ މި ތާރީޚީ ކާމިޔާބު ހޯދި ފުރަތަމަ ގައުމުކަމުގައި ބަޔާންކުރައްވާ، ވަރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރައްވާފައެވެ.
ރައީސް ހިއްސާކުރެއްވި ޕޯސްޓުގައި ދިވެހިރާއްޖެއިން މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯ އިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ. މިއީ އާންމު ސިއްހަތު ކުރިއަރުވާ، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސްމެއެވެ.
ހަމަމިއާއެކު މިއީ ސަރުކާރާއި ސިއްހީ ދާއިރާގެ ޕްރައިވެޓް ހިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.