ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން މިއަދު އައްޔަނުކުރައްވައިފިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ، އައްޔަނުކުރައްވާފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް ޢަފީފު އާއި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމެވެ.
ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.