އިމިގްރޭޝަންގެ ވޯކް-އިން އިންޓަރވިއު އިން އެންމެމަތިން މާކްސް ހޯދި މީހުންނަށް އިމްތިހާނެއް

މޯލްޑިވްސް އިމިގްރޭޝަންގެ ވޯކް-އިން އިންޓަރވިއު އިން އެންމެމަތިން މާކްސް ހޯދި މީހުންނަށް އިމްތިހާނެއް ބާއްވައިފިއެވެ.

 

މިއީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނެކެވެ.މި އިމްތިހާނު ބާއްވާފައިވަނީމި މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުން ކަމަށއި ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތް ވަރަށް އަވަހަށް އިއުލާން ކުރްއްވާނެ ކަމަށެވެ.

 

މި އިމްތިހާނުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އާއި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ވަނީ ވަޑައިގެންފައެވެ.

 

 

 

އިމިގްރޭޝަނުން 'އެކްސް' ގައި މީގެކުރީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އިދާރާގެ އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

 

އެގޮތުން ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޟިރުވެފައިވާއިރު، އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތެއް ކަމަށް ވިދާޅުވެފައި ވެއެވެ.

 

މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން މި މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

 

 

އިމިގްރޭޝަނުން ވިދާޅުވީ އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން ކަމަށެވެ. އަދި އިންޓަވިއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ކާމިޔާބަށް ވަނީ އެދިލައްވާފައެވެ.


  • އިމިގްރޭޝަން
  • ކޮމެންޓް