ބޭރުގެ އުޅަނދަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާއެއް ކުރަން ހުއްދައެއް ނުދެއްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސިލޯނު ޓުޑޭ އަށް ދެއްވި ބަސްދީގަތުމެއްގައި ޗައިނާގެ ދިރާސާ އުޅަނދެއް ސްރީލަންކާގެ ސަރަހައްދަށް ވަނުން މަނާކޮށްފައި ވަނިކޮށް، ރާއްޖޭގެ ސަރަހައްދަށް ވަންނަން އެއުޅަނދަށް ހުއްދަ ދިނީ ކީއްވެތޯ ސުވާލުކުރުމުންނެވެ.
" އެއީ އެއްވެސް ގައުމަކާ ހިޔާލުތަފާތުވާން ނިންމެވި ނިންމެވުމެއް ނޫން. އެ ނިންމުމުން ދޭހަކޮށްދެނީ ރާއްޖޭން އެފަދަ ކަންކަމުގައި ގޮތް ނިންމަނީ މިނިވަންކަމާ އެކުގައިކަން. އަދި އޭގައި ފޮރުވިފައިވާ އެއްވެސް މަގުސަދެއް ނޯންނާނެ."
މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ ސަރަހަައްދު ނަހަމަގޮތުގައި ބޭނުންކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއެކު 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރަައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު އިންޑިއާކަނޑުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫ އަރާ ގޮތަަށް، މިސަރަހައްދު ނަހަމަގޮތުގައި ބޭނުންކުރަން ގަސްދުކޮށްގެން ކުރާ މަަސައްކަތްތަކަށް ރާއްޖޭން ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަބަދުވެސް އަމާޒަކަށް އޮންނާނީ ސަރަހައްދުގެ ސުލްހައާއި ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް، ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކާ އެކުގައި ވެސް ރަނގަޅު ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ބޭއްވުން ކަމުގައި ފާހަގަކުރެއްވިއެވެ.