މާޅޮހު ސްކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ސެޝަނެއް

ބ. މާޅޮހު ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

 

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެރަށު ސްކޫލުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ މާޅޮހު ޕޮލިހާއި އެ އަތޮޅު ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި ސްކޫލް އަދި ކައުންސިލު އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

 

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ބެލެނިވެރިޔާގެ ޒިންމާތައް ކިޔައިދީ، ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނުން ގެންގުޅެންވީ ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މަރުހަލާތަކުގެ ތެރެއިން ފުރާވަރު އުމުރުފުރާގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނުމާއި ފިކުރު ގެންގުޅެންވީ ގޮތް ބެލެނިވެރިންނަށް ވަނީ ބުނެދީފައެވެ. އަދި ދަރިންގެ ތަފާތުތަކާއެކު އެތަފާތުތައް ގަބޫލުކޮށް އެ ތަފާތުތައް އިހުތިރާމާއެކު ބަލައިގަންނާނެ ގޮތް ބުނެދީފައިވެއެވެ.

 

މީގެއިތުރުން ދަރިންގެ ފަރާތުން ދިމާވާ ނޭދެވޭ ކަންކަން ހުއްޓުވައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ނަމޫނާ ބެލެނިވެރިޔަކަށް ވުމަށް ކޮންމެ މީހަކަށް ވެސް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން އެގޮތުގައި ކުރުމަށް ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

 

ހަމަމިއާއެކު ގޭތެރޭގައި އުޅޭއިރު ދަރިންނާ ރަނގަޅު ގުޅުމެއް އުފެއްދިދާނެ ގޮތްތަކާއި ދަރިންކުރާ ރަނގަޅު ކަންކަމުގައި އެއްބާރުލުންދީ އެކަންކަން ފާހަގަކޮށް ދަރިންނަށް ހިތްވަރުދިނުމުގެ މުހިންމުކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ. އަދި ބެލެނިވެރިންގެ ފަރާތުން ދަރިންނަށް އަބަދުވެސް ރިވެތި ނަމޫނާ ދެއްކުމަށާއި ރަނގަޅު އާއިލާއެއް ބިނާކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

 

މި ސެޝަންގައި އެކުގައި ކިޔަވާ އެހެން ދަރިވަރުންނަށް އެއްވެސް ހާލެއްގައި ގަނާކޮށް ނުހެދުމަށް ދަރީންނަށް ވިސްނައިދިނުމަށާއި ގަނާކުރުމަކީ ކޮންކަހަލަ ކަމެއްކަން ދަރީންނަށް ބުނެދީ ގަނާކުރުންފަދަ ނޭދެވޭ ކަންކަމުން ދަރިން ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް ބެލެނިވެރިންނާ ހިއްސާކޮށްފައިވެއެވެ.

 

ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ގަނާ ކުރުމަކީ ކޮބައިކަމާއި ގަނާ ކުރުމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާ އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާއި ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ސެޝަންތަކުގައި މާޅޮހު ސްކޫލުގެ ގްރޭޑް 4 އިން 10 އާ ދެމެދު ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރަމުންދާ 66 ދަރިވަރަކާއި އެސްކޫލުގެ 22 ބެލެނިވެރިން ބައިވެރިވިއެވެ.

 

 


  • ބ. މާޅޮސް
  • ބ. އަތޮޅު
  • ހޯމް މިނިސްޓްރީ
  • ކޮމެންޓް