މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑުޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް 2ގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދު ކަމަށެވެ. އަދި 27 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށް ވިދާޅުވެއެވެ.

 

އީދު ނަމާދު ފެށުމަށް ހަމަޖައްސާފައިވަނީ ހެނދުނު 7 ޖަހާއިރުއެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މި މަހުގެ 6 ވާ ހުކުރު ދުވަހެވެ.

 

މާލޭގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް، މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ، މަސްޖިދުލް ފުރްގާން، މަސްޖިދުއް ނޫރު، މަސްޖިދުއް ޝަހީދު އަލީ އެވެ. އަދި މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން، މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލް އައްވަލް، މަސްޖިދުއް ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއް ސުލްތާން މުހައްމަދު ޝަމްސުއްދީންއެވެ.

 

މީގެއިތުރުން މަސްޖިދު ސަލާހުއްދީނާއި މަސްޖިދު ޖަލާލުއްދީނާއި އިބްރާހީމީ މިސްކިތާއި މަސްޖިދު އިސްކަންދަރާއި ވަގުތީ މިސްކިތް (ބޮޑުގެ)އާއި މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީނާއި މަސްޖިދުއް ޝައިހް މުހައްމަދު ޖަމީލްދީދީއާއި މަސްޖިދު އަފީފުއްދީން އަދި ޒިޔާރަތް މިސްކިތުގައި ވެސް އީދު ނަމާދު ކުރުމަށް ނިންމާފައި ވެއެވެ.

 

ވިލިމާލޭގައި މަސްޖިދުލް ބިއްރިީގައި އީދު ނަމާދު ކުރާއިރު، ހުޅުމާލޭ މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ އާއި ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާހުޑް 3) އާއި މަސްޖިދު އަބީބަކްރިނިއް ސިއްދީގު (ހުޅުމާލެ ފޭސް 2) އާއި މަސްޖިދު އުސްމާނު ބިން އައްފާން (ހުޅުމާލެ ފޭސް 2) ގައި ވެސް ކުރާނެއެވެ. އަދި މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)، މަސްޖިދުއް ސަބީލް (ހުޅުލެ)، މަސްޖިދުލް އިންތިސާރު (ހުޅުލެ) ގައި ވެސް އީދު ނަމާދު ކުރާގޮތަށް ނިންމާފައި ވެއެވެ.

 

މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 


  • އަޟްހާ އީދު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް