މިއަހަރު ހައްޖުގެ އަޅުކަމަށް ގޮސް ހޭދަ ކުރާ ދުވަސްތައް ކުރު ކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހީން ހައްޖުގެ އަޅުކަމަށް މީގެކުރިން 25 ނުވަތަ 30 ދުވަސް ހޭދަކުރަމުން އައިނަމަވެސް އެ ދުވަސްތައް ކުރުކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ދެއްވުމަށް މިނިސްޓަރު ވިދާޅުވީ ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ އެއް ފްލައިޓްގައި އައި މީހުން 18 ދުވަހު، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ ކަމަށެވެ. އަދި ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ކަމަށާއި އެހެންނަމަވެސް ފަހުގެ އަހަރުތަކުގައި އާންމުކޮށް ތިބެނީ 22 ދުވަހާއި 25 ދުވަހު ކަމަށެވެ.
އެގޮތަށް ދިމާވަނީ ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީކަން މިނިސްތަރު ފާހަގަކުރެއްވިއެވެ. އެކަމަކު މިއަހަރުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ވަރަށް ލުއިފަސޭހަގޮތަކަށް ކަމަށާއި މިއަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.
މިގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޔާއަތްކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގައެވެ. އެހެން އަހަރުތަކާ ހިލާފަށް، މި އަހަރު ދިވެހި ހައްޖުވެރިންނަށް، 'މައްކާ ރޫޓް އިނީޝިއޭޓިވް' ގެ ދަށުން ގިނަ ލުއިތަކެއް ލިބެއެވެ.