ދީނީ އިމުގެ ތެރެއިން މަކުނުދޫގައި މިއަހަރުގެ އީދުގައި ވެސް ގިނަ ހަރަކާތްތަކެއް

ހދ. މަކުނުދޫގައި ވެސް މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާ، އިންތިޒާމުކުރަން ފަށައިފިއެވެ.

 

އެގޮތުން އީދުގެ ހަރަކާތްތައް ފެށުމަށް ނިންމާފައިވަނީ މާދަމާ އޮންނަ ސަގާފީ އީދު ބޮނޑި އެޅުމުންނެވެ. މި ހަރަކާތް މާދަމާ ހެނދުނު 6 ޖަހާއިރު، ފެށުމަށް ތާވަލުކޮށްފައިވާއިރު، އީދު ބޮނޑި އެޅުމަށް 10 ޓީމެއް ވަނީ ޝައިވެރިކަން ފާޅުކޮށްފައެވެ.

 

މީގެއިތުރުން ޖޫން 5 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އީދު ވެދުމާ ދިއުން އަދި 9 ޖަހާއިރު އީދު ބޮޑުހުޅު ޖެހުން އޮންނާނެއެވެ. މި ދެ ހަރަކާތް ވެސް އޮންނާނީ ދެކުނު ބޯޅަދަނޑުގައެވެ.

 

އީދު ދުވަސް ކަމަށްވާ ޖޫން 6 ވާ ހުކުރު ދުވަހުގެ ކަންކަން ފެށުމަށް ނިންމާފައިވަނީ ހުޅަނގު ސްޓޭޖު ސަރަހައްދުގައި ހުންނަ ތަޤްވާ މިސްކިތުގައި ހެނދުނު 7 ޖަހާއިރު ކުރާ އީދު ނަމާދުންނެވެ. އަދި 8:30 ގައި އުޟުހިޔާ ކަތިލުން ވެސް އެސަރަހައްދުގައި އޮންނާނެއެވެ.

 

މީގެއިތުރުން އެދުވަހުގެ ހަވީރު 4:15 ގައި ކުޑަކުދިންގެ ހަވީރެއް އިންތިޒާމުކޮށްފައިވެއެވެ. އަދި އެރޭ 9 ޖަހާއިރު ސަގާފީ ހުނަރު ދެއްކުމުގެ ޓެލެންޓު ޝޯވއެއް ވެސް ހުޅަނގު ސްޓޭޖު ސަރަހައްދުގައި އޮންނާނެއެވެ.

 

ބޮޑުޖާފަތް ހެދުމަށް ނިންމާފައިވަނީ ޖޫން 7 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު އިރުމަތީ ފަރާތު ބޮޑުކާނިގަސް ސަރަހައްދުގައެވެ. އަދި އެދުވަހުގެ ހަވީރު 4:30 ގައި ހުޅަނގު ސްޓޭޖު ސަރަހައްދުގައި މާލި ޕެރޭޑު ވެސް ބޭއްވުމަށް ތާވަލުކޮށްފައި ވެއެވެ.

 

 

 

މިއަހަރުގެ އަޟްހާ އީދުގައި މަކުނުދޫގައި އިތުރަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޮޑެތި މީހުންގެ ޓާސްކު ރޭސް އިރުމަތީ ފަރާތު ބޮޑު ކާނިގަސް ސަރަހައްދާއި ހުޅަނގު ސްޓޭޖު ސަރަހައްދުގައި ޖޫން 8 ވަނަ ދުވަހުގެ މެންދުރު 1 ޖަހާއިރު އޮންނާނެއެވެ. އަދި ޖޫން 9 ވަނަ ދުވަހު ހެނދުނު 7:30 ގައި ވާދެމުން އިރުމަތީ ފަރާތު ބޮޑު ކާނިގަސް ސަރަހައްދުގައި ބާއްވާނެއެވެ.

 

އެރަށުގައި އީދު ފާހަގަކުރުމަށް ސަގާފީ ކުޅިވަރު (ވަގުކުޅުން) ބޭއްވުމަށް ހަމަޖައްސާފައިވަނީ 9 ވަނަ ދުވަހު ހަވީރު ސްޕޯޓްސް އެރީނާ ސަރަހައްދުގައެވެ. އަދި ޖޫން 10 ވާ އަންގާރަ ދުވަހު މަސްރޭސް ބޭއްވުމަށް ނިންމާފައިވަނީ ހުޅަނގުފަރާތު ޖެޓީ ސަރަހައްދުގައެވެ.

 


  • މަކުނުދޫ
  • އަޟްހާ އީދު
  • ކޮމެންޓް