1446 ވަނަ އަހަރުގެ އަޟުހާ އީދު ފާހަގަކުރުމުގެ ގޮތުން ހދ. މަކުނޫދޫގައި ބާއްވާ ބޮޑުހުޅު ޖެހުމުގެ ހަރަކާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން ވިދާޅުވީ މި ހަރަކާތް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރުކަމަށާއި މި ހަރަކާތް އޮންނާނީ ދެކުނު ބޯޅަ ދަނޑު ސަރަހައްދުގައި ކަމަށެވެ.
ބޮޑު ހުޅުގެ ހަރަކާތުގެ ތެރެއިން ފަޔަރ ވަރކްސް އަދި ލެންޓަން އެރުވުން ވެސް ކުރިޔަށްދާނެ ކަމަށެވެ. އަދި މި ހަރަކާތުގައި 200 ލެންޓަން އަރުވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި ހަރަކާތް އިންތިޒާމްކުރުމުގައި 100 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ބޮޑުހުޅު ޖެހުމުގެ އިތުރުން އީދު ވެދުމާ ދިޔުން ވެސް ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ކައުންސިލުން ހާމަކުރައްވާފައިވާއިރު، މިއަހަރުގެ އީދުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެރަށުން ދަނީ ތައްޔާރުވަމުންނެވެ. މި އަހަރުގެ އަޟުހާ އީދު ދިމާވަނީ އަންނަ ހުކުރު ދުވަހާއެވެ.