މަށި މާލި ޕެރޭޑާއެކު ކުޅުދުއްފުށީގައި މިއަހަރުގެ އީދު ކުޅިވަރު އިތުރަށް ފޯރިގަދަވާނެ

ކުޅުދުއްފުށި ސިޓީ އަކީ އަޟްހާ އީދު ފާހަގަކުރުމުގައި މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް 'މަށި މާލި ޕެރޭޑަކީ ގިނަބައެއްގެ ސަމާލުކަން އަބަދުވެސް ހުއްޓޭ އިވެންޓެކެވެ.

 

އެގޮތުން މިއަހަރުގެ އަޟުހާ އިީދު ދުވަސް ގާތްވަމުން އަންނައިރު، އެންމެގިނަ ބައެއްގެ ނަޒަރު ހުއްޓޭނީ ވެސް އެސިޓީގެ މާލި ޕެރޭޑަށްކަން ޔަގީނެވެ. އެހެންވެ، އެ ސިޓީގައި ފާހަގަކުރަމުންދާ އީދު ކުޅިވަރުތައް 'އޮއިވަރު' ގައި ޖެއްސުމަށް މިހާރުވަނީ ޓީމެއް އެރަށަށް ގޮސްފައެވެ.

 

އެޓީމުން މައުލޫމާތު ދީފައިވާގޮތުގައި އީދު ކުޅިވަރުތައް ފެށުމަށް ނިންމާފައިވަނީ ޖޫން 5 ވަނަ ދުވަހުގެ ރޭ 8:15 ގައި އީދު މުބާރަކް އަދި 8:30 ގައި ބާއްވާ އީދު މާލިންނެވެ. ޖޫން 6 ވަނަ ހެނދުނު އީދު އޮނުބަޑި ޖެހުން އޮންނައިރު، ހަވީރު 4:15 ގައި ބަންދު ދުއްވުން، 4:30 ގައި ރާނީ ހިނގުން، 5 ޖަހާއިރު ނަމުރު އޮންނާނެއެވެ.

 

މީގެއިތުރުން އެރޭގެ ކުޅިވަރުތަކުގެ ތެރޭގައި 8:30 ގައި ހަވާއެރުވުމާއި 9 ޖަހާއިރު ސްޓޭޖު ޝޯވ އޮންނާނެއެވެ. އަދި އެންމެގިނަބަޔަކު އިންތިޒާރުކުރާ މަށިމާލި ޕެރޭޑު ޖޫން 7 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އޮންނައިރު، އެރޭ ވެސް ސްޓޭޖު ޝޯވ ބާއްވާނެއެވެ.

 

ހަމަމިއާއެކު 8 ވަނަ ދުވަހު މެންދުރުފަހު 2 ޖަހާއިރު އަންހެނުންގެ ކޯޑި، 4 ޖަހާއިރު ނޯ ލީކް މީޑިއާ، 4:15 ގައި ބޮޑުފައިވާން ހިނގުމާއި ކުޑަކުދިންގެ ސްޓޭޖު ޝޯވ އޮންނާނެއެވެ. އަދި 9 ޖަހާއިރު ފޯރިގަދަ ސްޓޭޖު ޝޯވ ވެސް އޮންނާނެއެވެ. ޖޫން 9 ގެ ހަވީރު 4:15 ގައި ހިއްޗަވަޑައިގަތުމާއި އެރޭ 9 ޖަހާއިރު ދަމު ހިނގުން ވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޖޫން 6 ން 9 އަށް ކޮންމެދުވަހަކު ވެސް އަންހެނުންނާއި ފިރިހެނުންގެ ދަފި ނެގުން ވެސް އޮންނާނެއެވެ.

 

މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު ކުޅުދުއްފުށި ސިޓީ އަދި ވ. ތިނަދޫގެ އީދު ކުޅިވަރުތައް 'އޮއިވަރު' ގެ މީސްމީޑިއާ މަންސަތަކުން ގެނެސްދޭނެއެވެ.

 


  • އަޟްހާ އީދު
  • ކުޅުދުއްފުށި ސިޓީ
  • ކޮމެންޓް