މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މައްޗަންގޯޅި އާސަހަރާ އާއި ހުޅުމާލެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކައުންސިލުން މި ދެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލުން މިކަމަށް ހާއްސަ ޓީމެއް ނަގައިގެންނެވެ. މި ދެ ސަހަރާ ރީތިކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ހޯމަ ދުވަހުއެވެ.
އެގޮތުން މި ދެ ސަހަރާގެ ގަބުރުސްތާން ތެރޭގައި ފަޅައިފައިވާ ވިނަތައް ނޮޅުމާއި ކުދި ގަސްތައް އުފުރާއި ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް މި ޖޫން މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތަކަކީ، ސާފުތާހިރު ތަންތަނުގެ ގޮތުގައި ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެގޮތުން މިސްކިތްތަކާއި ސަހަރާތަކުގައި ރަނގަޅު ކުރަންޖެހޭ ކަމެއް ހުރިނަމަ، އެކަންކަން ކައުންސިލަށް އެންގުމުން، އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް، މާލޭގެ މޭޔަރ އާދަމް ޢާޒިމް އަންނަނީ ވިދާޅުވަމުންނެވެ.
މާލެ ސިޓީގެ މޭޔަރުކަމާ މިހާރުގެ މޭޔަރ ޢާޒިމް ހަވާލުވެވަޑައިގެންނެވިފަހުން މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތައް ރީތިކޮށް، އެތަންނަށް ދާ މީހުންގެ ހިތްހަމަޖެހޭ ފަދަ ތަންތަން އެ ތަންތަން ހެއްދުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.