ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ނިންމައިފިއެވެ.
"ޢީދުހަވީރު 1446" ގައުމީ ފެންވަރުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައި މިވަނީ އެމްއެންޑީއެފް އާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެންނެވެ.
ރައީސްގެ އިސްނެންގެވުމާ އެކު އެންމެހާ ދިވެހިން އީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ އެމަނިކުފާނު ހާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. 1446ވަނަ އަހަރުގެ އަޟްހާ އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައިވާއިރު، މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެއެވެ.
މި ތިން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4 ން އިރުއޮއްސި ޖަހަންދެން އަދި ރޭގަނޑު ބައެއް ސްޓޯލްތައް 8:30 އިން ފެށިގެން ކުރިއަށްދާނެއެވެ. އީދުގެ ހަރަކާތްތައް އޮންނާނީ މާލޭގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން އަދި ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.
މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމަށް ވަނީ ނިންމާފައެވެ.
ހަމަމިއާއެކު އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.