ތިމާވެށީގެ އެންމެ ގިނަ މައްސަލަތައް ކުރިމަތިވެފައިވަނީ ރާއްޖެއަށް: މޭޔަރ އާޒިމް

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތިމާވެށީގެ އެންމެ ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އެއް ގައުމުގަކަން ފާހަގަކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ތިމާވެށީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ ރަށް ގިރުމާއި، އުދަ އެރުމާ ފަރުގެ ގާތަށް މަރުވުމާއި މޫސުމީ ވިއްސާރައާއި ކުނީގެ މައްސަލަތަކަކީ އެކަންކަމުގެ އުނދަގޫ ތަހައްމަލް ކުރަން ޖެހިފައިވާ ކަންތައްތައް ކަމަށެވެ.

 

މީގެއިތުރުން  މި ހުރިހައި ކަމެއް ހައްލުކުރުމުގެ ބާރު އަޅުގަނޑުމެންގެ ކިބައިގައި ނެތް ނަމަވެސް، ކުނީގެ މައްސަލަ ފަދަ، ތިމާވެށްޓަށް އަސަރުކުރާ، ކަންކަން ހައްލުކުރުމުގެ ބާރު، އަޅުގަނޑުމެން އަތުގައި އެބައޮތްކަން ފާހަގަކުރެއްވިއެވެ.

 

މޭޔަރު ވިދާޅުވީ މާލޭގެ ފަޅުތެރެއިން ދުވާލަކަށް، އެންމެ ބޮޑު 100 ޑަސްބިން ކޮތަޅުގެ ކުނި ނަގަންޖެހޭ ކަމަށާއި މާލޭގެ މަގުމަތިން ދުވާލަކު 30  ޓަނުގެ ކުނި ނަގަން ޖެހޭ ކަމަށެވެ. އެހެންކަމުން ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

އާޒިމް ވަނީ ރާއްޖެއަކީ މޫސުމީ ކާރިސާގެ ނުރައްކަލަށް ވަރަށް ނާޒުކުކޮށް ހުށަހެޅިފައިވާ ގައުމަކަށްވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސީދާ ނުރައްކާ ކުރިމަތިވެ، ރާއްޖޭގެ މުޖުތަމައުތަކުން މިހާރު ތަޖްރިބާ ކުރަމުންގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކޮޅިގަނޑުތަކާއި ފެންބޮޑުވުމުގެ މައްސަލަތަކަށް މިރާއްޖޭގެ ތިރި ޖަޒީރާތައް ހުށަހެޅިފައިކަން ފާހަގަކުރައްވާފައެވެ. އަދި އިންސާނުންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކުއްލި ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް މެދުވެރިވެފައިވާ ހާލަތަކީ، މުޅި ދުނިޔެއަށްވެސް މެދުވެރިވާނެ ހާލަތެއްކަން ފާހަގަކުރެއްވިއެވެ.

 

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.

 


  • އާދަމް އާޒިމް
  • ކޮމެންޓް