އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މިއުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދިނުމަށްކަމުގައި އީދު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
ހުތުބާގައި ބުނި ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރުކަމަށެވެ. އަދި އަޟްހާ އީދަކީ ހައްޖުގެ އަޅުކަމާ ގުޅިގެން އަންނަ އީދެއްކަން ފާހަގަކޮށް، ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމްގެފާނާގެ ވާހަކަތަކާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތާއި އެކަލޭގެފާނާއި އިސްމާއިލްގެފާނު ވެސް މާތްﷲ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވި ގޮތް ފާހަގަކޮށްފައި ވެއެވެ.
އީދު ހުތުބާގައި އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި މައިންބަފައިންނަށް ކިޔަމަންގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއްކަމަށް ވެސް ވަނީ ބުނެފައެވެ.އަދި މިއީ އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަންކަމުގައި ވެސް ބުނެފައި ވެއެވެ.
އީދު ހުތުބާގައި އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުންކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން އީދުން އައު ސަފުހާއެއް ހުޅުވައިލައި، މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް ގޮވާލައްވާފައި ވެއެވެ.