އަޟުހާ އީދުގެ މުނާސަބަތުގައި މާލެ ސަހައްދުގައި އިންޖީނުލީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި ހުއްދަ ނެތި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ހަމަޖައްސަވާފައި ވަނީ އީދު ދުވަހުގެ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން މާލޭ ސަރަހައްދުގައި އިންޖީނުލީ ވެހިކަލް އާއި ބެޓެރި ވެހިކަލް ނުދެއްވޭ ގޮތަށެވެ. އެއީ އާއިލާތަކަށް މަގުމައްޗަށް ނިކުމެ އީދުގެ އުފަލުގައި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައެވެ.
ވެހިކަލް ދުއްވުން މަނާ ވަގުތުގެ ތެރޭގައި މާލޭ ސަރަހައްދުގައި ފުލުހުން ވަނީ ހާއްސަ ޓްރެފިކް އޮޕަރޭޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 11 މީހެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 141 މީހަކަށް ނަސޭހަތްތެރިވަފައިވާކަމަށެވެ.
މީގެއިތުރުން ތިން އުޅަނދެއް ޓޯވކޮށްފައިވާކަމަށާއި ޓޯވކުރި އުޅަނދުތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން ހުއްޓުވި ވެހިކަލަކާއި، މުއްދަތު ހަމަވެފައިވާ ލައިސަންސަކާއެކު ދުއްވި އުޅަނދެއްގެ އަދި ލައިސަންސް ނެތި ދުއްވި އުޅަނދެއް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.