އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ޓްރާންސްޕޯޓު މިނިސްޓަރ އަމީން ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ބައްލަވާލައްވައިފިއެވެ.
ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އީވީ ޓެކްސީތައް ޕާކުކުރާ ސަރައްދަށް މިނިސްޓަރ އަމީން ކުރެއްވި މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި އެމް.ޓީ.ސީ.ސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި މިނިސްޓަރ އަމީން ވަނީ އީވީ ޓެކްސީތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ އިންފްރާސްޓްރަކްޗަރ އަދި ޗާޖިންގ ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި މި މަޝްރޫއުގެ ދަށުން ގެންނަ އީވީ ޓެކްސީތަކުގެ ފުރަތަމަ ބެޗް ރާއްޖެ އައުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމުމަށް ވަރަށް ބާރު ސްޕީޑެއްގައި ދަނީ މަސައްކަތްކުރެވެމުންނެވެ.
މި އައު ޓެކްސީ ލައިން ހިދުމަތަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ގެންނަ އީވީ ޓެކްސީތައް މާލޭގެ މަގުތަކުގައި ދުއްވަން ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި ހިދުމަތް ފެށުމުން، ތިމާވެށްޓާއި ރައްޓެހި އަދި ރައްކާތެރި ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.