ހިންނަވަރު ގާހަކަ ކާނިވަލުގެ ހުރިހާކަމެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ

މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، ޅ. ހިންނަވަރުން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ.

 

އެރަށު ކައުންސިލާއި ދެ އެންޖީއޯ އެއް ގުޅިގެން ކުރިއަށްގެންދާ ގާހަކަ ކާނިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް އަގެއް ނެގުމާއިނުލާ ވަދެ، ކުޅިވަރުތަކުގައި ބައިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

 

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެންސްޕާގެ ކާޑު އޮންނަ ފަރާތްތަކަށް ހިލޭ ވަދެ، ކުޅިވަރުތައް ކުޅެވޭނެ ކަަމަށް މި ކާނިވަލް އިންތިޒާމުކުރި ފަރާތުން ވިދާޅުވެއެވެ.

 

މި ކާނިވަލް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ހާމިދު 'އޮއިވަރު' އަށް ވިދާޅުވީ މިއީ އެރަށަށް މިއަހަރުގެ އީދު ފާހަގަކުރުމަށް ދިޔަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެދުމާއި އެއްގޮތަށް ނިންމާފައިވާ ގޮތެއް ކަމަށެވެ. އަދި މަގުސަދަކީ އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އެއްވެސް މީހަކު ބާކީ ނުކުރުން ކަމަށެވެ.

 

މިއީ އެރަށުގައި ކޮންމެ އަހަރެއްގެ ވެސް އަޟުހާ އީދާ ދިމާކޮަށް ބާއްވަމުން އަންނަ ކާނިވަލެކެވެ. މެދުކެނޑުމެއް ނެތި ހަތް އަހަރު ބޭއްވުމަށްފަހު، ގާހަކަ ރިޓަރންގެ ނަމުގައި މިއަހަރުގެ ކާނިވަލް ބާއްވަނީ ކައުންސިލާއި ޑަބްލިއުޑީސީ، އެރަށު ޕޮލިސް ސްޓޭޝަން އަދި ދަ ފެންޑަސީ އާއި މަކާއޯ ޖަމްއިއްޔާގެ އެހީތެރިކަމާއެކުގައެވެ.

 

މިއަހަރުގެ ކާނިވަލުގައި 14 ސްޓޯލެއް ހިމެނިފައިވާއިރު، އޭގެތެރޭގައި ކުޅިވަރު ސްޓޯލުތަކާއި ވިޔަފާރި ސްޓޯލުތައް ހުރެއެވެ. އަދި ކެންޓީނު ވެސް ހުންނައިރު، ކޮންމެ ރެއަކުވެސް ތަފާތު ކުޅިވަރުތަކެއް ވަނީ ހިމަނާފައެވެ.

 


  • ހިންނަވަރު
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް