ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސައޫދީ އަރަބިއްޔާއަަށްކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދުގެ ބޭފުޅުން އެގައުމަށް ފުރާވަޑައިގަތީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މިއީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތަކަށްވާތީ، ދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައޫދީ ސަރުކާރުންނެވެ.
ރައީސްގެ ދެ ކަނބަލުން ފުރާވަޑައިގަތުމަށް ޖިއްދާ އެއަރޕޯޓަށް ވަޑައިގެންނެވުމުން އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
މިދަތުފުޅުގައިވަނީ ދިވެހި ހައްޖާޖީންނާ ބައްދަލުކުރައްވައި، ހާލު ބައްލަވާލައްވާފައިވާއިރު، ހައްޖާޖީންނަށް ހުރި ދަތިތައް އޮޅުންފިލުވައި ކަންބޮޑުވުންތަކުގެ އަޑު އައްސަވާފައި ވެއެވެ.
މީގެއިތުރުން ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައޫދީ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ގައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު އިންނެވީ ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައިކަން ފާހަގަކޮށްލެވެއެވެ.
ހަމަމިއާއެކު ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.