ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކެއަރ ސޮސައިޓީއާއި ގުޅިގެން 'ޖޮބް ރެޑިނަސް' ޕްރޮގްރާމުގައި ބައިވެރިން ނެގުމުގައި އިސްކަންދެނީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފްތަރުން އެސެސްމަންޓްހަދައި، މިފަދަ ޕްރޮގްރާމަކަށް ބޭނުންވާކަމަށް ފާހަގަކުރެވޭ މީހުންނަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާގެ ފުރުސަތަކަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނަނީ މިފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައިކަމުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފެނިގެންދެއެވެ.
މިގޮތުން ޖޮބް ރޭޑިނަސް ޕްރޮގްރާމްގެ ފުރަތަމަ ބެޗު 2024 ޖޫން 10 ގައި ފަށައި، އޮގަސްޓް 26 ގައި ވަނީ ކާމިޔާބުކަމާއި އެކު ނިންމާފައެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް 12 ފަރާތެއް ވަނީ މަސައްކަތުގެ މާހައުލަށް ތަމްރީނުވެފައެވެ. އަދި މި ބައިވެރިންގެ ތެރެއިން ހަތް ފަރާތެއް މަސައްކަތުގެ މައިދާނުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ޖޮބް ރެޑިނަސް ޕްރޮގްރާމް ފުރަތަމަ ބެޗުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިފަދަ ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ދެވަނަ ބެޗު މިއަހަރުގެ މެއި 4 ގައި 10 ބައިވެރިންނާއި އެކު ފެށިގެން ދިޔައީ ފުރަތަމަ ބެޗުގެ ޕްރޮގްރާމްގެ ތަޖުރިބާއިން، އަންނަނިވި ކަންކަން ހިމަނާ ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށްގެންނެވެ.
ފުރަތަމަ ބެޗު ހިންގިފައިވަނީ ބައިވެރިން އެކީގައި އެއް ގުރޫޕެއްގޮތުގައި ކަމަށްވެފައި، ގިނަ ބައިވެރިންނަކީ އެފަރާތްތަކަށް އިންޑިވިޖުއަލް އެޓެންޝަން ބޭނުންވާ ފަރާތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ދެވަނަ ބެޗު ފެށިގެން ކުރިއަށް ގެންދަނީ ' ލައިފް ސްކިލް' އަދި 'ޖޮބް ސްކިލްސް' ބޭނުންވާނެ ފަރާތްތައް ފާހަގަކޮށް ދެ ބަޔަށް ވަކިން ތަމްރީނު ފޯރުކޮށްދެވޭ ގޮތަށް އިންތިޒާމުކުރެވިގެންނެވެ.
މި ޕްރޮގްރާމްގައި ދަސްކޮށްދެވޭ ގިނަ ހުނަރުތަކަކީ އެ ހުނަރުތައް ބޭނުންކުރާ އަސްލު މާހައުލުގައި އެކަން ތަޖުރިބާ ކުރަންޖެހޭ ކަންކަމަށްވުމުން ދެވަނަ ބެޗުގެ ބައިވެރިންނަށް މަސައްކަތުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި "އޮން ދަ ޖޮބް ޓްރެއިނިންގ" ގެ ބައެއް ކުރިއަށްގެންދެވިގެންދާނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނިވެރިން މި ޕްރޮގްރާމްގައި ބޮޑަށް ޝާމިލުކުރުމުގެ ގޮތުން ބައިވެރިންނަށް ޕްރޮގްރާމުން ދަސްވާ ހުނަރުތައް ގޭތެރޭގައި އަދި ބޭރުތެރޭގައި ބޭނުންކުރުމަށް އަހުލުވެރިކުރުމަށް ބެލެނިވެރިންނަށް ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.