މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން 26 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި އަތުލައިގެންފައިވަނީ ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެއީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތަކެތިކަމަށެވެ.
މި އޮޕަރޭޝަންގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަތްފައިވާއިރު، މަގުމަތީ އަގު ގާތްގަނޑަކަށް26 މިލިޔަން ރުފިޔާއަށް އަރާކަމަށް ވަނީ ހާމަކުރައްވާފައެވެ.
ކަސްޓަމްސް އިން މި ތަކެތި އަތުލައިގަތުމާއި ގުޅިގެން ހޯމް މިނިސްޓަރ ޢަލީ އިހްސާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާފައެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި، އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.