ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީންގެ ފުރަތަމަ ފްލައިޓު މި މަހު 13 ގައި މާލެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓު މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އަންނައިރު، ދެ ވަނަ ފްލައިޓު އަންނާނީ 14 ވަނަ ދުވަހުކަމަށް ވިދާޅުވެއެވެ.
ތިން ވަނަ ފްލައިޓުގެ 16 ވަނަ ދުވަހު އަދި ފަހު ފްލައިޓު ރާއްޖެއަށް އަންނާނީ މި މަހުގެ 17 ވަނަ ދުވަހުކަމަށް ވަނީ ވިދާޅުވެފައެވެ. ދިވެހިން ހައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު، ފުރަތަމަ ގުރޫޕުގެ ހައްޖުވެރިން މިއަދު ވަނީ މަދީނާއަށް ފުރާފައެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނަން ތައްޔާރުވަމުން އަންނައިރު، އެމީހުންނަށް މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއަރޕޯޓަށް މީހުން ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކުރައްވާފައެވެ.