މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ، މުޙައްމަދު އަރީޝް ޗައިނާ އަށް ފުރައިވަޑައިގެންފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އޭޝިއަން މޭޔަރސް ފޯރމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 11 އިން 13 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގ ގައެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މޭޔަރ ޢާޒިމް ވިދާޅުވީ މިއީ އޭޝިއާގެ އެކި ސަރަހައްދުގެތަކުގެ ސީޓީތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، އެ ކަންކަމާއި ކުރިމަތިލުމަށް ކުރާ މަސައްކަތްތައް ދަސްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެ މަސައްކަތްތައް ހިއްސާ ކުރުމަށް ވެސް ލިބޭނެ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.
"އުއްމީދަކީ އަޅުގަނޑުމެންގެ މުޖުތަމައު ވަރުގަދަކުރުމަށް ބޭނުންތެރި މައުލޫމާތުތަކެއް ގެނައުން."
ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގައި އޭޝިއާގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއެކު ދެމެހެއްޓެނިވި ތަރައްގީއާއި އައު އީޖާދުތަކާއި އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމް މީގެ ކުރިން ވެސް ބާއްވާފައިވާއިރު، މޭޔަރ ޢާޒިމް ވަނީ އެ ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
"ވިލަރެސްކުރެވިފައިވާ އައު އީޖާދުތައް: ކާބަން، މަދު އަދި ދެމެހެއްޓެނިވި މުސްތަޤްބަލުގެ ސިޓީތައް ބިނާކުރުން" މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދާ މި ފޯރަމަކީ ބައިނަލްއަގުވާމީ ގުޅުންތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީތައް) ހާސިލުކުރުމަށް، ލޯކަލް ސަރުކާރުތައް ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.