ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އާއި ފ. ބިލެތްދޫ، މޯނިންގްވިލާ އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.