ހައްޖުވެރިން ބަލައި، އެއަރޕޯޓަށް ވީހާވެސް މަދުން މީހުން ދިއުމަށް އިލްތިމާސްކޮށްފި

ހައްޖުވެރިން ބަލައި، އެއަރޕޯޓަށް ވީހާވެސް މަދުން މީހުން ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

 

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕުރޮގްރާމްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުޙައްމަދު ހަމްޒަތު ވަނީ ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހިފައިވާނަމަ، މާސްކު އަޅައިގެން އައުމަށް ސަމާލުވާންޖެހޭކަން ހަނދާންކޮށްދެއްވާފައެވެ.

 

މީގެއިތުރުން ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުމާއި ކެއްސުމާއި ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދުމަށް އިރުޝާދު ދެއްވިއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު ހައްޖު ނުވަތަ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

 

މި ޕްރޮގްރާމުގައި ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ ކޮންސަލްޓެންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒު ވެސް ވަނީ ހަމްޒަތުގެ ވާހަކަތަކަށް ބާރުދެއްވައި، ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާންޖެހޭކަން ފާހަގަކުރައްވާފައެވެ.

 

ހާއްސަގޮތެއްގައި ފުރަތަމަ ހަފުތާގައި ގިނަ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ބޭއްވުމަކީ ސިއްހީގޮތުން ރައްކާތެރިކަމެއްނޫންކަން ފާހަގަކުރެއްވިއެވެ. އަދި ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެދިވަޑައިގެންނެވިއެވެ.

 

މީގެއިތުރުން ކުޑަކުދިންގެ ކިބައިން ރޯގާގެ އެއްވެސް އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކުރައްވާ ޑރ. އިޔާޒު ވިދާޅުވީ މިއީ ރޯގާ އިތުރަށް ފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށެވެ.

 

މިއަހަރު ރާއްޖެއިން ހައްޖަ ދިޔަ ހައްޖާޖީންގެ ފުރަތަމަ ފްލައިޓު މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އަންނައިރު، ދެ ވަނަ ފްލައިޓު އަންނާނީ 14 ވަނަ ދުވަހުއެވެ. އަދި ތިން ވަނަ ފްލައިޓުގެ 16 ވަނަ ދުވަހު އަންނައިރު، ފަހު ފްލައިޓު ރާއްޖެއަށް އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

 

ދިވެހިން ހައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު، ފުރަތަމަ ގުރޫޕުގެ ހައްޖުވެރިން މިއަދު ވަނީ މަދީނާއަށް ފުރާފައެވެ.

 


  • ސައުދީ އަރަބިއާ
  • އެޗްޕީއޭ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ކޮމެންޓް