ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޭސްފަރުވާގެ ގޮތުގައި ފަގީރުންނަށާއި މިސްކީނުންނަށް 3،510،390.29 (ތިން މިއިލަން ފަސް ލައްކަ ދިހަ ހާސް ތިން ސަތޭކަ ނުވަދިހަ ރުފިޔާ ނަވާވީސް ލާރި) ވަނީ ހޭދަކޮށްފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައިކޮށްފައިވާ ހަރަދެވެ.
މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ކެންސަރު ބައްޔަށް ކޮށްފައިވާއިރު، އެއީ 1،524،484.42 (އެއް މިލިއަން ފަސް ލައްކަ ސައުވީސް ހާސް ހަތަރު ސަތޭކަ އައްޑިހަ ހަތަރު ރުފިޔާ ސާޅީސް ދެ ލާރި) އެވެ. އަދި 370 މީހަކަށް ހާއްސަ ހާލަތެއް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ވެސް އެ ފަންޑުން ވަނީ ހަރަދުކޮށްފައެވެ. އެގޮތުން 86،858.97 (އައްޑިހަ ހަ ހާސް އަށް ސަތޭކަ ފަންސާސް އަށެއް ނުވަދިހަ ހަތް ލާރި) ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
މީގެއިތުރުން ފުއްޕާމޭގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ސިކުނޑީގެ ބަލިތަކާއި ޓްރާންސްޕްލާންޓް އަދި އެހެނިހެން ބަލިތަކަށް ވެސް އެފަންޑުން ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ކިޑްނީގެ ބަލިތަކަށް 258،902.50، ހިތުގެ ބަލިތަކަށް 169،614.74، ސިކުނޑީގެ ބަލިތަކަށް 814،812.38 ކޮށްފައި ވެއެވެ. އަދި ފުއްޕާމޭގެ ބަލިތަކަށް 112،157 އާއި ޓްރާންސްޕްލާންޓަށް 481،822.11 އާއި އެހެނިހެން ބަލިތަކަށް 2،953،369.43 ވަނީ ހަރަދުކޮށްފައެވެ.
ބޭސްފަރުވާގެ އިތުރުން ޒަކާތު ހައުސްއިން އަންނަނީ އެހެނިހެން ދާއިރާތަކަށް ވެސް ހަރަދުކުރަމުންނެވެ. އޭގެތެރޭގައި ޒަކާތުގެ މަސައްކަތް ކުރުމަށްޓަކައި ނަގާފައިވާ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވަނީ 1،340،030.27 ހޭދަކޮށްފައި ވެއެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު ފަރާތްތަކަށް ވަނީ 428،107.32 ހަރަދުކޮށްފައެވެ.