ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) އިން ކުރިއަށްގެންދިޔަ ޔަންގް އެތްލީޓްސް (ވައިއޭ) ޕްރޮގްރާމް ނިންމި ބައިވެރިންނަށް މެޑަލް އާއި ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި ހެންވޭރު އަޑިޕާކު ފުޓްސަލް ދަނޑުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ޕްރޮގްރާމު ނިންމި ކުދިންނަށް މެޑަލް އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސްއޯއެމްގެ ޗެއަރޕާރސަން އިބްރާހިމް ރަމީޒު (އިބޭ) އެވެ. އަދި ސެޓްފިކެޓް ހަވާލުކޮށްދިނުމުގައި ކެއަރ ސޮސައިޓީގެ އިސްފަރާތްތައް ވެސް ވަނީ ބައިވެރިވެފައެވެ.
ކެއަރ ސޮސައިޓީ އާ ގުޅިގެން އުމުރުން ދެއަހަރާއި 7 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ކުރިއަށްގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެނޫން ވެސް ފަރާތްތަކަށް ބައިވެރިވެވޭގޮތަށެވެ. އަދި 8 ހަފުތާ އާއި 12 ހަފުތާ ދެެމެދުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ކޮންމެ 3 ކުއްޖަކަށް ޓީޗަރެއް ބަހައްޓައެވެ.
މިއަދު ނިމިގެންދިޔަ ޕްރޮގްރާމުގައި 35 ކުދިން ބައިވެރިވެ، މެޑަލް އާއި ސެޓްފިކެޓް ހާސިލުކޮށްފައިވާއިރު، މި ޕްރޮގްރާމުގެތެރެއން ފިޒިކަލް ފިޓްނެސް އާއި ސިކުނޑި ބޭނުންކޮށްގެންނާއި ސެލްފް ކޮންފިޑެންސްގެ ހުނަރތު ދަސްކޮށްދެއެވެ. އަދި ސިއްހީ ދުޅަހެޔޮކަމަށް ބޭނުންވާނެ ގިނަ ހަރަކާތްތަކާއި މުޖުތަމައުގައި އަމިއްލައަށް އުޅުމަށް ވެސް ދަސްކޮށްދެއެވެ.