ރާއްޖޭގެ ޖަލުތަކުގެ ފެންވަރު އެހެން ގައުމުތަކާ އަޅާބަލާއިރު، ރަނގަޅު: މިނިސްޓަރ

ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމުގައި ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އަލަށް ހުވާކުރި އޮފިސަރުން ގުޅުނީ ކަރެކްޝަންސްގައި ހިދުމަތް ކުރުމަށް ކަމަށާއި މިއީ ވަރަށް ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއްކަން ފާހަގަކުރައްވާފައެވެ.

 

އެހެންނަމަވެސް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރާ މުވައްސަސާއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ހުވާލާދެއްވީ މާފުށީ ކޯޓްގެ ގާޟީީ ފަނޑިޔާރު އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފްއެވެ.

 

ދަސްވެނިންނަށް މަރުހަބާ ދަންނަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މަސައްކަތްކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތައް ކަމަށެވެ. އަދި ކޮރަޕްޝަނާއި ރިޝްވަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ދަސްވެނިންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

 


  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)
  • ހޯމް މިނިސްޓްރީ
  • ކޮމެންޓް