މާލެ ސިޓީ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި މައްސައްކަތްތަކާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި އިމާރާތްތަކުގައި ކުރަން ޖެހުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަސައްކަތްކުރައްވާ މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
މީގެއިތުރުން މާލެ ސިޓީގެ ހުރިހައި ސެކްޝަނެއް އެއް އިމާރާތަކަށް ބަދަލުވުމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭރުން ކައުންސިލުގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.
ކައުންސިލްގެ އައު އިމާރާތުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ގާތް ގަނޑަކަށް ނިމިފައެވެ. މި އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ އިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި އިމާރާތް ކުރާ، މި އައު އޮފީސް ޢިމާރާތް ކުރަނީ 2 ފަންގިފިލާއަށެވެ.
މި ވަގުތު މާލެ ސިޓީ ކައުންސިލުން ހިދުމަތް ދެމުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި 9 އިމާރާތެއްގައެވެ.