ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސްގެ ހާއްސަ ގަރާރަކުން އެކުލަވައިލި ރިޔާސި ކޮމިޝަނުން ތަހުގީގު ރިޕޯޓު ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ފޮނުވައިފިއެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައިވަނީ އޭޕްރިލް 18 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޕޯޓު ރައީސްއަށް ފޮނުވިއިރު، ތަހުގީގަށް ވަނީ 69 މީހެއްގެ ބަޔާން ނަގާފައެވެ. ނަމަވެސް ޔުމްނުގެ ބަޔާނެއް ނުހިމެނެއެވެ. އެއީ ބަޔާން ދޭން އާއިލާއިން ތަކުރާރުކޮށް ދެކޮޅުހެދުމުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ދެ ފަހަރެއްގެ މަތިން އެމަނިކުފާނު އަމިއްލަފުޅަށާއި ކޮމިޝަންގެ ފަރާތުން ވެސް އާއިލާއިން ކަނޑައަޅާފައި ހުރި ފަރާތާ ވާހަކަދައްކައި، ޔުމްނުގެ ބަޔާން ނަގަން މަސައްކަތްކުރެއްވިއެވެ. އެކަމަކު އެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޔުމްނުގެ އާއިލާއިން ކުރިން ބުނެފައިވަނީ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަކި ކަންތައްތަކެއް ފޮރުވައި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން އުޅޭކަމަށް ބުނެ ރައްޔިތުންގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވާން ފެށުމުން، ރައީސްއަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން މި މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަން އުފެއްދެވީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ.
ޑރ. މުޙައްމަދު މުނައްވަރުގެ ރައީސްކަމުގެ ދަށުގައި ހިންގާ މި ކޮމިޝަނުގައި އިތުރު ހަތަރު ބޭފުޅަކު ތިއްބަވައެވެ. އެއީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދުއާއި ޑރ. މޫސާ މުރާދުގެ އިތުރުން ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ.