ވިލިމާލޭގައި އިތުރު ފާހާނަ ބަރިއެއް ހަދަނީ

އާމްދަނީ ލިބޭނެ ވަސީލަތަކާއެކު، ވިލިމާލޭގައި އިތުރު ޕަބްލިކް ފާހާނާ ބަރިއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

 

ވިލިމާލޭގެ ހުޅަނގު ފަރާތުގައި މި ފާހާނާބަރި ތަރައްގީކުރުމަށް ކައުންސިލުން ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 199 ވަނަ ޖަލްސާގައެވެ.

 

މި ޖަލްސާގައި މޭޔަރ އާދަމް ޢާޒިމް ވަނީ މާލޭގައި ހުރި ޕަބްލިކް ފާހާނާ ބަރިތައް ތަރައްގީކުރުމަށް އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެވެ. އި މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޕަބްލިކް އޭރިއާގައި ފާހާނާ ބަރިތައް ހުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

 

މީގެއިތުރުން މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް، ފަސޭހަ ވާނެ ގޮތަކަށް ތަރައްގީކުރާ ތަންތަންކަމުގައި ވިދާޅުވިއެވެ. 

 

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގައި އިތުރު ފާހާނާ ބަރިއެއް ތަރައްގީކުރުން ވަރަށް މުހިންމު ކަމަށާއި މިތަން ތަރައްގީކުރާއިރު، އަންހެން ފިރިހެން ވަކިން ބޭނުންކުރެވޭ ފާހާނާ ބަރިއަކާއި، ފެންވަރާތަނާއި ޗޭންޖިންގ ރޫމާއި، ނަމާދު ކުރާނެ ބައެއް ވެސް ވަކިން ހުންނާނެ، ގޮތަށް ވިސްނުން ބަހައްޓައިގެން ތަރައްގީކުރުން މުހިންމު ކަމަށެވެ.

 

ވިލިމާލޭގައި މި ވަގުތު ބޭނުން ކުރާ ޕަބްލިކް ފާހާނާ ބަރި ހުރީ އިރުމަތީ ފަރާތުގައެވެ.

 

 


  • ވިލިމާލެ
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް