ޔުމްނު ވެއްޓުން: މިނިސްޓަރ އިހްސާނާއި އަމީނަށް ވެސް ފިޔަވަޅު އަޅަންޖެހޭ: ރައީސް ޔާމީން

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

 

އެމަނިކިފާނު މިފަދައިން ވިދާޅުވީ ޕީއެންއެފް އިން ބާއްވާ ފްރަންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ޔާމީން ވަނީ އެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިނުމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އަހުމަދު ދާއޫދު ވަކިކުރި ގޮތަށް މިނިސްޓަރ އިހްސާނާއި އަމީނަށް ވެސް ފިޔަވަޅު އަޅަންޖެހޭކަން ތަކުރާރުކުރައްވާފައެވެ.

 

އެމަނިކުފާނު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރިޕޯޓު ނެރުނު ނަމަވެސް ޔުމްނު ވެއްޓުނު ސަބަބު ސާފުނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު 'ވަރުގަދަ' މަސައްކަތްތަކެއް ކުރެއްވި ކަމަށް ޔާމީން ގަބޫލުކުރައްވާ ވިދާޅުވީ ޔުމްނު ވެއްޓުނު ސަބަބު ސާފުނުވިޔަސް މުނައްވަރު ރިޕޯޓުގައި ކަންތައްތަކެއް ނިންމާފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

 

އެގޮތުން ޔުމްނުގެ ހާދިސާ ހިނގި ތަނަށް އިހުސާން ޒިޔާރަތްކުރައްވައި، އެ ވެށި އޮތްގޮތް ބެލުމާއި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވެވަޑައިގެންފައިވުން ފާހަގަކުރެއްވިއެވެ. އެހެންވެ، ޒިންމާއާއި އެކަން ހަވާލުކުރާ މީހާއަށް ބަލާއިރު، މިނިސްޓަރު އިހުސާނާއި އަމީނާ ސުވާލުކުރަން ޖެހެނީ ރައީސް ޑރ. މުއިއްޒު ކަމަށް ގަބޫލުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން ޑރ. މުނައްވަރު އެކުލަވައިލެއްވި ރިޕޯޓުގައި މިނިސްޓަރު އިހުސާނާއި އަމީން 'ބެހެން ނުޖެހޭ' ކަމަކާ ބެހުމުން އެކަން ފޮރުވަން އުޅުނީ ކީއްވެތޯ ސުވާލު އުފައްދާފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އާދައިގެ މީހަކު ކުށެއް ކުރުމާއި މިނިސްޓަރުން ކަމެއް ކުރުމާއި ހާސްބައި ތަފާތު ކަމަށާއި އެއީ މިނިސްޓަރުން ކުށެއް ކުރުމުން ކުށުގެ ދަރަޖަ އުފުލޭނެތީ ކަމަށް ވިދާޅުވިއެވެ.

 

އެމައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެއީ ގާނޫނުއަސާސީއާއި ފުލުހުންގެ ގާނޫނު އަސާސީގެ ދަށުން ވެސް ހޯމް މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގޮށްފައެވެ.

 


  • ޔުމްނު ވެއްޓުން
  • ރައީސް ޔާމީން
  • ޕީއެންއެފް
  • ސިޔާސީ ޕާޓީ
  • ކޮމެންޓް