އީފާސް ޑިޖިޓަލް އައިޑީ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ޑިޖިޓަލްކޮށް ހިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް އީފާސް ހައްދަވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ހިޔާލު ހޯދަން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އީފާހަކީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތައްޔާރުކޮށްފައިވާ އެންމެ ހަރުދަނާ އަދި އިތުބާރު ހުރި ޑިޖިޓަލް ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް ކަމުގައި ފާހަގަކުރައްވާފައެވެ.
"އީފާސް ޑިޖިޓަލް އައިޑީ ސިސްޓަމް ގައުމީ ފެންވަރުގައި ބޭނުންކުރުމުގެ ތެރެއިން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއެރުވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ."
މީގެއިތުރުން އީފާސްގެ ކާމިޔާބީތައް ފާހަގަކުރައްވައި، ސްޓޭޓް މިނިސްޓަރު ވަނީ އީފާސް ޑިޖިޓަލް އައިޑީ މިހާރު 250،000 އަށްވުރެ ގިނަ ފަރާތްތަކުން ބޭނުންކުރާ ކަމަށާއި ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ޖަމްއިއްޔާތަކުން އީފާސްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިފައިވާ ގަދަރާއި، އޭގެ ކާމިޔާބީ ތަކުރާރުކުރުމަށް އެހެން ގައުމުތަކުން ދައްކަމުންދާ ޝައުގުވެރިކަން ވެސް ފާހަގަކުރައްވާފައެވެ.
އީފާސް ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ އިތުރުން ގާނޫނީ ގޮތުން ލިބެންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށް ހަދަންޖެހޭ ގާނޫނުތައް ހަދައި، ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވެސް ޑރ. ކިނާޔަތު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބަރ ސެކިއުރިޓީ ބިލު މިހާރު ބަނޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް 2.0 ބިލާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.