ޕީއެންސީގެ ބައެއް މެމްބަރުން ވެސް އެމްޑީޕީ އަށް ގުޅޭނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޕީއެންސީގެ އިސް ފަރާތްތަކުން ވެސް އެމްޑީޕީ އާ ގުޅުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި ދެންއިވޭނީ އެފަރާތްތައް އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށެވެ.
ކުރީގެ ފޮރިން މިނިސްޓަ ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބައެެއް އެހެން ފަރާތްތައް އަލުން އެމްޑީޕީ އާ ގުޅެން ނިންމާފައިވާ ދުވަސްވަރެއްގައެވެ.
"ރޭނުން އެރޭ އިވުނީ ޑިމޮކްރެޓްސް އަޅުގަނޑުމެންނާ ގުޅެމުންދާ ވާހަކަ. ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އަޅުގަނޑުމެންނާ ގުޅިގެންދާ ވާހަކަ، އިރާދަކުރެއްވިއްޔާ"
މީގެއިތުރުން މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ބޭނުންކުރެއްވި ވަގުތު، އަދި ދޮގު ދޮލަކުން ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެ ކަމަށް ވެސް ވިދާޅުވެ، ސަރުކާރަށް ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރު ހަމަމަގަށް އަޅުވާނެ ކަމަށާއި ފުވައްމުލަކު ސިޓީއަށް ބޭނުންވާ ތަރައްގީއާއި ރާއްޖެއަށް ބޭނުންވާ ތަރައްގީ ވެސް އެމްޑީޕީން ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީ ބޮޑު ތަޅު އަޅުވާފައިވާ ކަމަށާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖެ ތަރައްގީކުރަން ކަންކަންކުރާނެ ގޮތާއި ވައްޓަފާޅި އެއް މިސަރުކާރުގައި ނެތް ކަމަށެވެ. އަދި މި ސަރުކާރު ބަލިކުރުމަށް ކުރިއަށް ދާން ޖެހުނު ކޮންމެ މަގަކުން އެމްޑީޕީން ކުރިއަށްދާނެ ކަމަށް ޝާހިދު ވެސް ވިދާޅުވިއެވެ.