މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް މުހައްމަދު މުޒައްޔިން ނާޒިމް، ލީވާން އަލީ ނާސިރު އަދި މަރިޔަމް މިލްޒަމް މަސްއޫދު އިންތިހާބިކޮށްފިއެވެ.
މި ތިން ބޭފުޅުން އެމްއެމްސީގެ މެމްބަރުކަމަށް އިންތިހާބުކުރީ މިއަދު ބޭއްވި ވޯޓުލުމުގައި އެންމެމަތީން ވޯޓު ލިބިގެންނެވެ. އެގޮތުން 'ދައުރު' ނޫހުގެ ފަރާތުން ވާދަކުރި މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު، 'އަދަދު' ނޫހުގެ ލީވާން އަށް 48 ވޯޓު ވަނީ ލިބިފައެވެ. އަދި އަމިއްލަގޮތުން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ވަނީ ހަތަރު ވޯޓު ލިބިފައެވެ.
އެމްއެމްސީގެ 8 ވަނަ ދައުރުގެ މެމްބަރުން އިންތިހާބުކޮށްފައިވަނީ ފައިބެއަހަރުގެ ޑިސެމްބަރ މަހުއެވެ. ނަމަވެސް ބައެއް މެމްބަރުން ދައުރުގެ ތެރެއިން ވަނީ އިސްތިއުފާ ދީފައެވެ. އެހެންވެ، މިއަދު ވޯޓުލުން ކުރިއަށް ގެންދިޔައީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށްފަހު، ކެންޑިޑޭޓުންނަށް ކުރިމަތިލާން އަލުން ފުރުސަތު ދިނުމަށްފަހުއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުން ވޯޓުލާފައިވާއިރު، އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ ދެ މެމްބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުގެ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.