އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް ދޫކުރާ ލޯނެކެވެ.
ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "ފަށާ މަދަދު" ލޯން ސްކީމަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ. އަދި 25 އިންސައްތަ ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.
މި ލޯނަށް އެދުމުގެ ސުންގަޑިއަކީ އޮގަސްޓްމަހުގެ 31 ވާ އާދީއްތަ ދުވަހެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.