ޔުމްނު ވެއްޓުން: ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ރައީސް އަންގަވައިފި

އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އެމަނިކުފާނު އަންގަވައިފިއެވެ.

 

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އަށް ރައީސް އެންގެވީ މިއަދުއެވެ.

 

ހޯމް މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ  ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެއްކާއި ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން ފާހަގަކޮށްފައި ވެއެވެ. އަދި ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޟިރުވެފައި ނެތުމުގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

 

މީގެއިތުރުން ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަމަށާއި މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ވެއެވެ.

 

އެހެންކަމުން ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ހިދުމަތާގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށްޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް އަންގަވާފައިވެއެވެ.

 

މީގެއިތުރުން މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީއާއި، ދާއޫދު އަޙްމަދު މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާންކުރައްވައިފައިވާތީއާއި، ޔުމްނު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، އެދުވަހުގެ ހެނދުނު ހ. މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

މި މައްސަލައިގައި ހެލްތު މިނިސްޓްރީ އަށް އެންގެވި އެންގެވުމުގައި އެ މިނިސްޓްރޫގެ ދަށުން ހިންގަމުންއަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އައި.ޖީ.އެމް.އެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން، އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ.އަށް އެންގުމަށްފަހު، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާތީ، މިއީ އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީގައި އެތަނުގެ މުވައްޒަފު ޢަމަލުކުރަންޖެހޭ ގޮތްކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު ޢަމަލެއްކަން އެނގޭކަމާއި، އަދި އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެ ނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަކަމަށް ރިޕޯޓުގައި ވެއެވެ.

 

ހަމަމިއާއެކު އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް. އަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރިނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ގަރީނާ ނުގެއްލޭގޮތަށް އެ މައުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމާއި، މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކޭކަމަށް ވަނީ ބުނެފައެވެ.

 

މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ވަނީ ހެލްތު މިނިސްޓްރީ އަށް އަންގަވާފައެވެ.

 


  • ޔުމްނު ވެއްޓުން
  • އައިޖީއެމްއެޗް
  • ހޯމް މިނިސްޓްރީ
  • ހެލްތު މިނިސްޓްރީ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް