މާޒީއަށް ނުބަލައި މުސްތަގްބަލަށް ބަލައިގެން ކުރިއަށް ދިއުމަށް އެމްޑީޕީ މި ނިކުންނަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމުގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އަހަރީީ ދުވަސް ފާހަގަކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީ އާ ގުޅުމުން މަރުހަބާކިޔުމަށް ބޭއްވި ޖަލްސާގައެވެ.
ސަލްޓަން ޕާކުގައި ބޭއްވި މި ޖަލްސާގައި ޝާހިދު ވަނީ އަދުގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރަކީ ސްކޭމް ސަރުކާރެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ. އަދި މި ސަރުކާރުން ހިންގަމުން އަންނަ ސްކޭމްތަކަކީ ބަންކަރިންގެ ސްކޭމް، ޑޮލަރުގެ ސްކޭމް، ޗާގޯސްގެ ސްކޭމް، އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކޭމް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ބޯހިޔާވަހިކަމުގެ ސްކޭމާއި ޒުވާނުންނަށް އޮޅުވާލުމުގެ ސްކޭމާއި ޑޮކްޓަރީ ބޭހުގެ ސްކޭމްތައް ވެސް ހިންގާކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރު އައި ފަހުން ތަރައްގީގެ ހުރިހާ ކަމެއް ހުއްޓިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވެ، އެމްޑީޕީން ނިކުންނަނީ މިހާރު ވެރިކަން ކުރަމުން އަންނަ ސްކޭމް ސަރުކާރު ޖަވާބު ދާރީ ކުރުވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިސަރުކާރު ބޮޑު ތަނުން ބަލި ކުރުމަށް ކަމަށް ވެސް ކުރީގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިހެން ބަލަން ތިބެވެން ނެތް ކަމަށާއި ސްކޭމް ސަރުކާރަށް ރާއްޖޭގެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުވުމަށް ނިކުންނަންވީ ކަމަށެވެ. އަދި މިސަރުކާރު ބޮޑުތަނުން ބަލި ކުރުމަށް ރައްޔިތުން ފިކުރާ ގުޅިފައިވާ އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރު ނިކުންނާނީ ބުންވަރާއި އެކުގައި ފަހަތަށް ނުޖެހޭ ގޮތަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.