ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

 

މިކަން ހާމަކުރައްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

 

މީގެއިތުރުން އެ ދިރާސާއަށް ފަހު، އެ ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

 

އެހެންނަަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

 

ރައީސް ޑރ. މުޢިއްޒު މިފަދައިން ނިންމަވާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންގެ ދަރިންނަށް ސަރުކާރުން ފޮތްލިސްޓް ދިނުންފަދަ ކަންކަން ވަނީ ކުރައްވާފައެވެ. އޭރު ސްކޫލު ފޮތް ބަޔަކީ ގަންނަން ޖެހޭ އެއްޗެކެވެ.

 

މީގެއިތުރުން އާބާދީ ކޮންޓްރޯލްކުރުމުގެ ގޮތުން މަދުން ކުދިން ހޯދާ ރަށްރަށުގެ މީހުންނަށް އައްޑަނަ ދިނުމާއި ތިމާވެއްޓާ ރައްޓެހި ޢަމަލުތައް ކުރާ ރަށްރަށަށް ފެހިފަތް ދިނުން ފަދަ ކަންކަން ވެސް ރައީސް މައުމޫންގެ ވެރިކަމުގައި ވަނީ ކުރައްވާފައެވެ.

 

ހަމަމިއާއެކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކުގެ ބޭރުގައި އެގެއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގެއެއްކަން އަންގައިދޭ ލިޔުމެއް ވެސް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ބަހައްޓާފައެވެ.

 


  • ރައީސް މައުމޫން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް