ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ސްކޭމް އެވެއަރނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެ އަތޮޅުގައި އެވެއަރނަސް ސެޝަންތަކެއް ފަށާފަވާއިރު، ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.
މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ.
މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށެވެ. އެގޮތުން ސްކޭމުން ރައްކާތެރިވާނެ ގޮތްތަކާ ކިޔައިދީފައިވެއެވެ. އަދި ކޮންމެ މީހަކު ވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށާއި އަތުގައި އޮންނަ ސްމާޓް ފޯނު، ޓެބްލެޓް ނުވަތަ ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓޫ ފެކްޓަރ އޮތޮންޓިކޭޝަން ފަދަ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދުދީފައިވެއެވެ.
ހއ. އަތޮޅަކީ އެންމެ ކުށްމަދު އަތޮޅަށް ހެދުމަށް މިފަދަ އެވެއަރނަސް ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެކަމަށް މި ޕްރޮގްރާމުގައި ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެއަތޮޅު ކައުންސިލާއި އަތޮޅުގެ ރަށު ކައުންސިލުތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ސްކޭމްގެ މައްސަލަތަކުން ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.