ހާފިޒުންނަށް ދޭ އިނާޔަތް އަންނަމަހުން ފެށިގެން 4000 ރުފިޔާ އަށް ބޮޑުވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދު ވެފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ލިބޭ އިނާޔަތް ދެގުނަ ކުރަން ނިންމެވިކަން ރައީސް އެންމެފުރަތަމ އިއުލާނުކުރެއްވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ފައިބެއަހަރުގެ ޖުލައި 16 ގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހާފިޒުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެއެވެ.