މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު - "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފިއެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ރެއިޑެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އައްޑޫ ސިޓީއަށް ހާއްސަކޮށް ކުރިއަށްގެންދާ މިއަހަރުގެ އެންމެ ބޮޑު އެއް ރެއިޑު "އޮޕަރޭޝަން ހަމަމަގު" ފެށީ މިއަދުއެވެ. މިއީ ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރަމުންދާ ހާއްސަ މަސައްކަތެކެވެ.
އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.
ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވެއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވެއެވެ.
ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމައަށް ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެއެވެ. އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދެވޭނެއެވެ.
އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.