މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފިއެވެ.
މި މަގާމަށް މުހައިމިން އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
މުހައިމިން ވަނީ ތައުލީމާދާއިރާގައި ގިނަ މަސައްކަތަކެއް ކުރައްވާފައެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަން ކުރައްވާފައި ވެއެވެ. އަދި މާލެ ސިޓީގެ ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެ ސިޓީގައި ހިންގަމުންދާ އަމިއްލަ ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައި ވެއެވެ.
މުހައިމިނަކީ ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން އެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއެވެ.
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތި ލެއްވިއިރު، އެންމެ މަތިން މާކުސް ލިބިވަޑައިގަތީ މުހައިމިނަށެވެ. އޭނާ އަށް 85.03 މާކްސް ވަނީ ލިބިފައެވެ.