ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމެވީ ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށެވެ.
މި ނިންމުން މިހާރު ވަނީ ކައުންސިލްތަކަށް އަންގާފައި ކަމަށާއި މިގޮތަށް ކަނޑައަޅާފައި މިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެންނެވެ.