ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕަވަރމަންޓް ހަބެއް ގާއިމުކުރަން ޒަކާތު ހައުސް އާއެކު ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި ޖެންޑަރ މިނިސްޓްރީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާނެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް ޢަލީ އެވެ.

 

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށްޓަކައި ޒަކާތު ހައުސްގެ އެހީތެރިކަމަށް ޖެންޑަރ މިނިސްޓްރީން އެދިފައިވާތީ ވެފައިވާ އެއްބަސްވުމެކެވެ. އަދި އެކަމަށް އެހީތެރިވެ، ހަބް ގާއިމްކުރުމަށް މިނިސްޓްރީން ދޫކުރުމަށް ނިންމާފައިވަނީ 19 މާރިޗު ގައި ބޭއްވި ޒަކާތު ކައުންސިލުގެ 16 ވަނަ ބައްދަލުވުމުގައެވެ.

 

އެމްޕަވަރަމަންޓް ހަބް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމައުގައި އިތުރުވަމުންދާތީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުވުމެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.

 

މި އެއްބަސްވުމުގެ މުއްދަތަކީ މީލާދީ ގޮތުން 25 އަހަރު ދުވަހެވެ.

 

މި "އެމްޕަވަރމަންޓް ހަބް" ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާއެވެ.

 

މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަކެއް ފައިދާތަކެއް ކުރާނެކަމަށް ދެ މުއައްސަސާއިން ވެސް އުންމީދުކުރެއެވެ.

 


  • ޖެންޑަރ މިނިސްޓްރީ
  • ޒަކާތު ހައުސް
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް