ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ތުރުކީ އަށް ފުރާވަޑައިގެންފިއެވެ.
މިއީ ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަހަރު މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 އިން 29 އަށް ތުރުކީގެ އިސްތަންބޫލްގައެވެ.
އެގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރ އިން އިންތިޒާމުކޮށްގެން ބާއްވާ މިފޯރަމުގެ މަގުސަދަކީ އެކިގައުމުތަކުގެ ދަތުރުފަތުރާއި ބެހޭ ވަޒީރުންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިސް ބޭފުޅުންނާއި މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އިސްފަރާތްތަކާއެކު މަޝްވަރާކުރުމެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ މިދާއިރާގެ ފަންނީ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ބައިނަލްއަގުވާމީ ދަތުރުފަތުގެ ވިއުގަތައް ތަރައްގީކޮށް އެންމެ ފައިދާ ހުރި ގޮތުގައި ހިދުމަތްތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ "މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕޮޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖެސް" މިމައުޟޫއަށް ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މިޕެނަލްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައިވާ ކަނޑުދަތުރުފަތުރުގެ ގުޅުން ތަރައްގީކުރުމަށް ހުރި ފުރުސަތުތަކާއި އޭގައި އެކުލެވޭ ގޮންޖެހުންތަކާމެދުގައި ކަމަށެވެ.
މީގެއިތުރުން އެކަންކަމުން އަރައިގަނެވޭނެ ހަރުދަނާ ދެމެހެއްޓެނިވި ސިޔާސަތުތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރާނެކަމަށް ވިދާޅުވެއެވެ. އަދި މިއަހަރުގެ ފޯރަމްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުގެ ސިނާއަތުގެ ދެމެހެއްޓެނިވި ތަރައްގީއާއި އެސިނާއަތަށް ގެންނަންޖެހޭ ތިމާވެއްޓާއި ރައްޓެހި ބަދަލުތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ސަރަހައްދީ ފެންވަރުގައި ގައުމުތަކުގެ މެދުގައި އިތުރަށް މިދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރާނެކަަމަށް ހާމަކުރައްވައެވެ.