ދުޅަހެޔޮ، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތްކުރައްވާނޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މަސައްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލައަކީ ބައިނަލްއަގުވާމީ ފެންވަރެއްގައި ގުޅިގެން އެކަމަށް ހައްލު ހޯދަންޖެހޭ މައްސަލަައެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
އެގޮތުން ގާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ގާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި މުޖުތަމައަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ގައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާކަމަކީ ފަރުވާދީގެން، އަލުން އަނބުރާ މުޖުތަމައަށް އެފަދަ ފަރާތްތައް ގެނައުންކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި މިފަދަ ފަރާތްތަކުން ފަރުވާ ފުރިހަމަކުރުމަށްފަހު، އަލުން މުޖުތަމަޢަށް އެނބުރި އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، އަލުން މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅައިލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.